މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް)ގެ އަލުމްނައި އިން ދެކޮޅު ހަދަމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްކްކަން ދީފި އެވެ.

އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް ދީފައި ވަނީ އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ނުދިނުމަށް އެދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ސަބަބަކު ބަޔާންކޮށް އެ ޔުނިވާސިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އެ ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި ސަބަބުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެމަނިކުފާނު ނުފޫޒުފޯރުވުމާއި ނުހައްގުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިިކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ތަގުރީރެއް ދެއްވާފަ އެވެ. އެ ތަޤުރީރުގައި އެމަނިކުފާނު ވަނީ، އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވަނީ، މި ދާއިރާގައި އިސްލާމީ ތާރީޚުން ފެންނާން ހުރި ކާމިޔާބީތަކަށް އިޝާރާތްކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.