ސަރުކާރުން ވަކިވެ އަދާލަތު ޕާޓީއާ ގުޅެން މަރުހަބާ ކިޔާ ކަމަށް އެ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ކޮންޓްރޯލް ހޯދުމަށް އެ ޕާޓީއަށް ސޮއިކޮށް ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ޝަހީމް ވަނީ ނިންމަވާފަ އެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު ޝަހީމް އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

އިމްރާން ރައީސް ކަމުގައި ހުންނަވާ އާދަލަތު ޕާޓީން 2018 އިން ފެށިގެން އަންނަނީ އިންތިހާބުތަކުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަމުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަށެވެ.

މިސަރުކާރުގެ ބައެއް އިސްވެރިން އަންނަނީ ކުރިން އަދާލަތު ޕާޓީގައި އުޅުއްވި ޑރ. ޝަހީމް މެދުވެރިކޮށް އަދާލަތު ޕާޓީގެ ކޮންޓްރޯލް ނެގުމަށް ވަރަށް ގިނަ ރޭވުންތައް ރާވަމުންނެވެ. އެންމެ ފަހުން ޑރ. ޝަހީމް މިވަނީ އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ސީނިއާ މުއައްސިސެއްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެ ޕާޓީއަށް ޚިދުމަތްކުރެއްވި ކަމަށާއި، މިހާރު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވި ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އާ ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޑރ. ޝަހީމް ފުރަތަމަ ފަހަރަށް ވަޒީރުކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރު އަދާލަތު ޕާޓީއަށް ލިބުނު ސްލޮޓެއްގަ އެވެ. އަދާލަތު ޕާޓީ އުފެދުނު ދުވަހުން ފެށިގެން އެ ޕާޓީގައި އުޅުއްވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެން ފަހުން ގުޅިވަޑައިގެންނެވީ ޕީޕީއެމްއާ އެވެ. އަދި 2018 ވަނަ އަހަރު ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ވެސް ހިމެނިވަޑައިގެންނެވި އެވެ.

މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމުން، އެ ޕާޓީގައި އިސްކޮށް ތިއްބަވާ ގިނަ ބަޔަކު ވަނީ އެކްސް މެދުވެރިކޮށް މިނިސްޓަރަށް މަރުހަބާ ދަންނަވާފަ އެވެ.