އައިޖީއެމްއެޗްގައި އެންމެ ތުއްތުކުދިންނަށް ފަރުވާދޭ ނިއޯނޭޓަލް އައިސީޔޫގައި ފެތުރުނު މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ބެކްޓީރިއާގެ އަސަރުކޮށް ހާލުދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗް އިން ރޭ މެންދަމު ބާރައިގެ ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނުރައްކާތެރި ބަލި ފެތުރެން ފެށީ މާޗް 27، ގައި ކަމަށެވެ. އަދި އޭޕްރީލް 15 އާ ހަމައަށް އެންއައިސީޔޫގައި އެ ބަލި ފެތުރެމުންދިޔަ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ. މިހާތަނަށް އެ ބަލި ޖެހިފައި ވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންއައި ފަސް ކުއްޖަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

"މި ފަސް ކުދިންގެ ފަރުވާގެ ކަންކަން ކުރިޔަށް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެކަހެރިކުރެވިގެން. މި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.

ފުރަތަމަ ކޭސް ފެނުނު ފަހުން މިއަދާ ހިސާބަށް އެންއައިސީޔޫއިން ޖުމްލަ 84 ކުދިން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އަދި މިއީ މިފަދަ ނުރައްކާތެރި ޖަރާސީމެއް އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަހުގެ ތާރީހެއްގައި ފެތުރުނު ފުރަތަމަ ފަހަރުކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން މި ޖަރާސީމް ފެތުރުނުކަން ހާމަކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ރޭގެ ވަގުތެއްގައި މިކަމާއި ގުޅޭ އިތުރު ތަފްސީލާއެކު ބަޔާނެއް ނެރެފައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ބެކްޓީރިއާތައް އުފަންވާ ކަމަށެވެ. މި ބެކްޓީރިއާ އާއްމު އެންޓި ބަޔޮޓިކަށް ނުގުޑަ އެވެ. އެހެންވެ، ނުރައްކާތެރި އިންފެކްޝަނަކަށް މަގު ފަހިވެ އެވެ.

ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.