ޖަސްޓިން ބެލްޑޯނީއާ ދެކޮޅަށް ކުރިއަށްދާ ގާނޫނީ ހަނގުރާމައަކީ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ފުން އަޑިގަނޑު ކަމަށް ބްލޭކް ލައިވްލީ ބުނެފި އެވެ.

"ލޭޓް ނައިޓް ވިތު ސެތު މަޔާސް"ގައި ވާހަކަ ދައްކަމުން ބްލޭކް ވަނީ އޭނާއާއި ޖަސްޓިންއާ ދެމެދު މިހާރު ކުރިއަށްދާ ގާނޫނީ ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެ މައްސަލައާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ބްލޭކް ނުދެއްކި ނަމަވެސް އެއީ އޭނާގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ދުވަސްތަކުގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

"އަހަންނަށް ފެނޭ އެތައް އަންހެނުންނެއް ފާޅުގައި ވާހަކަ ދައްކަން ނުކެރިފައި ތިބޭ މަންޒަރު. އަހަރެން ޝުކުރުވެރިވަން އެ ފުރުސަތު އަހަންނަށް ލިބުނީތީ،" ބްލޭކް ބުންޏެވެ.

އެ އިންޓަވިއުގައި ބްލޭކް އިތުރަށް ބުނީ ގޮންޖެހުންތަކުން ފުރިގެންވި އަހަރެއްގައި އޭނާއަށް އެންމެ ބޮޑު އުއްމީދެއް ދިނީ އޭނާގެ ދަރިން ކަމަށެވެ.

"އިޓް އެންޑްސް ވިތު އަސް"ގައި ބްލޭކްއާއެކު ފެނިގެންދިޔަ ޖަސްޓިންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދައުވާއެއް އޭނާ ކޮށްފައިވާއިރު އޭގެ ރައްދުގައި ޖަސްޓިން ވަނީ ބްލޭކްއަށް އަބުރުގެ ދައުވާއެއް ކޮށްފަ އެވެ.