މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިއަކަށް ހުރި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން މަގާމަކަށް މިއަދު ބަދަލުކޮށްފި އެވެ.
އެ މަގާމުން ވަކިކޮށް އޭނާ އައްޔަންކުރީ އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑާޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމެންޓަށެވެ. އެއީ ފުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ ޑިޕާޓްމަންޓެވެ.
އެނގިފައިވާ ގޮތުގައި ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކުރިއިރު އޭނާ ހުންނެވީ ޗުއްޓީއެއްގަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައު އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސާމިހު ވަކިކުރުމަށް ގޮވާލާފަ އެވެ.
ޔުމްނުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު ވާކަމަށް ބުނެ ސާމިހުއަށް ބައެއް ސީރިއަސް ތުހުމަތުވެސް ވަނީ ބައެއް ފަރާތްތަކުން ކޮށްފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން ދޮގު ހަދައި އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެކަމާއި ގުޅިގެން މުޒާހަރާ ކުރަމުންދާ ޒުވާނުންވަނީ އަޑުއުފުލާފަ އެވެ. އެންމެ ބޮޑަށް މީހުން ފާހަގަކުރަމުން ދަނީ ސާމިހު އިސްކޮށް ހުންނަވާ ޔުމްނުގެ މައްސަލައިގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އާއި ފަހުން ބޭއްވި ބައްދަލުވުންތަކުގައި ފުލުހުންގެ ވާހަކަ ތަފާތުވުމެވެ.