އޭޕްރީލް 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21، ގެ ބޭސްފަރުވާއަށް އާއްމު ރައްޔިތުން ވެދިން ފައިސާގެ އެހީ ހަރަދުކުރި ގޮތުގެ ތަފްސީލު އޭނާގެ އާއިލާއިން ހާމަކޮށްފި އެވެ.

ޔުމްނުގެ އާއިލާއިން އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު ހާމަނުކުރަނީ އޮޅުވާލުންތަކެއް ހިމެނޭތީ ކަމަށް ބުނެ، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދިޔައީ އެ އާއިލާއަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އެ އާއިލާގެ މެންބަރަކު ވަނީ މިހާތަނަށް ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު ފެންނަ ބިލްތަކާއެކު އެކްސްގައި ހިއްސާކޮށްފަ އެވެ. އެގޮތުން ހޮސްޕިޓަލުގެ ޑިޕޮސިޓަށާއި އެއާލިފްޓަށް ފައިސާ ދެއްކި ރަޝީދު ވަނީ ހިއްސާކޮށްފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުޒޫފު ފޯރުވާ ކަމަށްބުނެ ޒުވާނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަން ފެށުމުން، ސަރުކާރަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ވަނީ ޔުމްނުގެ އާއިލާއަށް އެކި ތުހުމަތުކޮށްފަ އެވެ.

ވެއްޓި ވަރަށް ބޮޑަށް އަނިޔާވެ ހާލުދެރަވުމުގެ ސަބަބުން ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ ޔުމްނުގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުންދާއިރު، އިއްޔެގެ ވަގުތެއްގައި އާއިލާއިން ވަނީ ޔުމްނު ހޭއަރައި އެ ހާދިސާއާ ގުޅޭ ބައެއް ވާހަކަ ހިއްސާކުރިކަމަށް ބުނެފަ އެވެ. އެގޮތުން ޔުމްނު ވެއްޓުނު ހ.ފެންޓޯނިއާ ގެއަކީ ޔުމްނު ކުރިންވެސް ގޮސް އުޅޭ ގެއެއް ކަމަށާއި، އެ ގެއަށް ދިއުމަށް ދައުވަތު ދިނީ އެމީހުނާއެކު އެރޭ އުޅުނު ޔައްސާރު ކަމަށްވެސް ޔުމްނު ބުނިކަމަށް އާއިލާއިން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދުގެ އިތުރުން ހަތަރު މީހުން ތިބި ކަމަށާއި ޔުމްނު އަމިއްލަ އަށް ފުންމާ ނުލާކަމަށް ވެސް ބުނިކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.