2028 ވަނަ އަހަރު ފެށޭއިރު ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 ސަމިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ބައެއް މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގޭގައި ތިބެގެން ހަމަ ގާނޫނީ އުސޫލުގެ ތެރެއިން ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގެއިން މަސައްކަތްކުރާ ގޮތަށް ކަނޑައަޅާ މުވައްޒަފުންގެ ތެރޭގައި ހަފްތާއަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތެއްގައި އޮފީހަށް އަންނަން ޖެހޭ މުވައްޒަފުން ވެސް ތިބޭނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގްސަދަކީ މިގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ.

އެންމެން އެއްޖޯޝެއްގައި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަން ހާސިލްކުރުމަށް ގައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ގައުމަކީ އެސްޓޯނިއާކަމުގައި ފާހަގަކުރައްވައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި އެމަނިކުފާނު އެސްޓޯނިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ.