ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމުގައި ޝަރުތު ހަމަނުވާނަމަ އެ ނިންމުން ބާތިލުކުރަން ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ)އިން ގޮވާލައިފި އެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކޮމަންވެލްތުގެ ހުރިހާ ގައުމެއްގައި ގާނޫނުގެ ހުކޫމަތު ކުރިއެރުވުމާއި ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ސީއެލްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހާ ގުޅޭ އަޑުއެހުމެއް ބޭއްވުމަށް އެދުވަހު ތައްޔާރުވެފައިވަނިކޮށް ކަން އެނގިފައިވާކަމަށެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާއާއި ހަވާލާދީ ސީއެލްއޭއިން ވަނީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާއިރު މިކަމުގައި ގޮތް ނިންމަންވާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނީ އޮނިގަނޑުތަކަށް ވެސް ރިއާޔަތްކުރުމަށްފަހުގައިކަމަށް ބުނެފަ އެވެ.

މިއާއެކު ސީއެލްއޭއިން ވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް އޮތް ހަރުކަށި ބައިނަލްއަގްވާމީ މިންގަނޑުތަކަށް އިހްތިރާމްކޮށް، އެއަށް ތަބާވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.

ސީއެލްއޭއިން އިތުރަށް ބުނީ ރާއްޖޭގެ ބާކައުންސިލާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުއީ ދާއިރާގެ ހާއްސަ ރިޕޯޓަރަކާ ގުޅިގެން މި މައްސަލަ ގާތުން ބަލާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށް، އެބޭފުޅުންގެ މައްސަލަތަކެއް ބަލަން ފަށާފައިވަނީ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ އިސްލާހާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައ ހިމެނޭ ހުސްނުއް ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއިރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ފޮނުވުމުން ފަނޑިޔާރު އަޒްމިރާލްދާ ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އަޒްމިރާލްދާ އަށް މި ފުރުސަތު ދީފައެއް ނުވެ އެވެ.