ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ފުރަތަމަ ޓްރެއިލާ ރިލީޒް ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރިލީޒްކުރި އެ ޓްރެއިލާގައި އެ ފިލްމުގެ އުސްއަލިތައް ފެނިގެންދާއިރު ގިނަ ބަޔަކު އަންނަނީ މިހާރު ވެސް އެ ފިލްމަށް ތައުރީފް ކުރަމުންނެވެ.
އެ ޓްރެއިލާގައި އާމިރު ޚާން ފެނިގެންދަނީ ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނަށް ބާސްކެޓް ބޯޅަ ކުޅެން ދަސްކޮށްދޭ ކޯޗެއްގެ ގޮތުގަ އެވެ.
އާމިރުގެ އިތުރުން ޖެނީލިއާ ދޭޝްމުކް މުހިއްމު ރޯލަކުން ފެންނަ "ސިތާރޭ ޒަމީން ޕަރް"އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލް އެކެވެ.
އާމިރު ޚާންގެ އިތުރުން ދަރްޝީލް ސަފާރީ ފެނިގެންދިޔަ އެ ފިލްމަކީ އެ ދުވަސްވަރު ބޮކްސް އޮފީސް ޗާޓުގެ އެންމެ ކުރީގައި އުޅުނު ފިލްމެވެ.
"ސިތާރޭ ޒަމީން ޕަރް"ގެ ޓްރެއިލާ ރިލީޒް ކޮށްފައި މިވަނީ އިންޑިއާ ޕާކިސްތާނު މައްސަލާގައި އާމިރުގެ ބަހެއް ނުލިބުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.