މއ. މާންދޫގެ ދެކުނުގޭގައި ހިނގާ ހުރިހާ ކަމަކަށް ޒިންމާވާކަށް ނުޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް މިއަދު ޖަވާބުދާރީވަމުންނެވެ.
މާންދޫގެ ދެކުނުގެއަކީ އެމަނިކުފާނުގެ އިތުރުން އެއްބަނޑު އެއްބަފާ އިތުރު ތިން މީހުންގެ ނަމުގައި އޮންނަ ގެއެއް ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން، އެމަނިކުފާނުގެ ބާރު ސީދާ ފޯރަނީ އާއިލާ ދިރިއުޅޭ ބައިތަކަށް އެކަނި ކަމަށާއި، ގޭގެ އެންމެން ބޭނުންކުރާ ތަންތަނުގައި ކުރާ ކަންކަމަށް ޒިންމާވާކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވި ގޮތުގައި އެއްމެދު އިމާރާތެއްގައި ނުވަތަ ކޮންޑޮމީނިއަމެއްގައި ޖިނާއީ ކުށެއް ހިނގައިފިނަމަ، އޭގެ ޒިންމާ ވަކި އޯނަރަކު ނަގަންޖެހޭ ގާނޫނީ، ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް ކަމަށެވެ.
"އެހެންކަމަށްވާނަމަ އެއްމެދު އިމާރާތެއްގައި ނުވަތަ ކޮންޑޮމީނިއަމެއްގައި އެތައް ބަޔަކު އެޕާޓްމެންޓްތަކެއް ނުވަތަ އިމާރާތުގެ މުޅި އިމާރާތް މިލްކު ކުރާ ހާލަތުގައި އެ އިމާރާތުގައި ޖިނާއީ ކުށެއް ކޮށްފި ނަމަ އޭގެ ޒިންމާ ވަކި އޯނަރެއް، އޭނާ ވަކި މަގާމެއްގައި ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މާންދޫގެދެކުނުގޭގައި ޒުވާނުންތަކެއް، މަސްތުވާ ތަކެއްޗާ އެކު ޕާޓީއެއް ބޭއްވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އަމީން ވިދާޅުވީ، މި ހާދިސާއާއި މާންދޫގެ ދެކުނުގެއާ އެއްވެސް ގުޅުމެއް އޮތްކަން އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.