މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ވެއްދި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ 12 މެންބަރުން ސޮއިކުރައްވާ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މައްސަލަ ހުށައެޅުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ވަޒީރު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު މައްސަލަ ތާވަލުކުރީ މިއަދު އެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 54 ވޯޓާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އޭނާ ވެއްޓުނު ހ. ފެންޓެނޯއި ގެއަށް އޭނާ އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން ގ. ކަށިވެލި އަދި މއ. މާންދޫގެ ދެކުނުގެއަށް ދިޔަ އެވެ. ފުރަތަމަ ދިޔަ ގެއަކީ އަމީންގެ ގެ އެވެ. އޭރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ތުހުމަތުތައް އަމާޒުވެފައިވާ ގޮތުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވި އެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް އެކަން ހާމަކޮށް އަމީންގެ ގެ ބަލައި ފާސްކުރީ ހާދިސާ ހިނގައިދިޔަތާ ހަ ދުވަސް ފަހުންނެވެ.
މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ ތުހުމަތު ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި މައްސަލާގައި އަމީންގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް 7 ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ. މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އެރުވި ފުރުސަތުގައި އަމީން ވަނީ އެ ހުރިހާ ތުހުމަތުތަކަށް ވެސް އިންކާރުކުރައްވާފަ އެވެ. އަދި އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.