ދިގު 7 އަހަރަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ "ބްލެކް ބަކް" މައްސަލަ އަނެއްކާވެސް ކޯޓު މަރުހަލާއަށް ހުށައަޅައިފި އެވެ.
އެ މައްސަލައަކީ 90ގެ އަހަރުތަކުގައި ޝޫޓް ކުރެވުނު "ހަމް ސާތު ސާތުހޭ"ގެ މަސައްކަތުގެ ތެރެއިން ސަލްމާނާއި އޭނާއާއެކު އުޅުނު ބައެއް ތަރިން އިންޑިއާގައި ހިމާޔަތް ކުރެވިފައިވާ ޖަނަވާރެއް ކަމަށްވާ ބްލެކް ބަކްއެއް ޝިކާރަކުރި ކަމަށް ބުނެ ކޮށްފައިވާ ދައުވާ އެކެވެ.
މި މައްސަލާގައި 2018 ވަނަ އަހަރު ސަލްމާންއަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް މިވަގުތު އޭނާތުރީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.
އެއާއެކު ރާޖަސްތާނުގެ ހައިކޯޯޓުގައި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވަނީ ސަލްމާންގެ އިސްތިއުނާފްގެ މައްސަލައާއި ދައުލަތުގެ އިސްތިއުނާފުގެ މައްސަލަ އެވެ.
ސަލްމާން އޭނާއަށް ކުރިމަތިވި ހުކުމް އިސްތިއުނާފު ކުރާއިރު ދައުލަތުން އިސްތިއުނާފު ކުރަނީ އެ މައްސަލާގައި ދެން ހިމެނޭ ސައިފް އަލީ ޚާން، ތާބޫ، ސޮނާލީ ބެންޑްރޭ ފަދަ ތަރިން މިނިވަން ކުރުމަށް ދަށު ކޯޓުން ކުރި ހުކުމެވެ.
މި ހާދިސާއަށް 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އެ މައްސަލަ ކޯޓުގައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ.