މޯލްޑިވްސް އިމިގްރޭޝަނުން އިޢުލާނުކުރި 50 އޮފިސަރ ޓްރެއިނީގެ މަޤާމަށް މިއަދު ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުއަށް އެތައް ބަޔަކު ކިޔޫ ހަދައިފި އެވެ.

ގަލޮޅު ސްކޫލުގައި މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށްދާ އިންޓަވިއުތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ވަނީ އެ ސަރަހައްދުގައި ކިޔޫ ހަދާފަ އެވެ.

މި ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވަނީ ސާނަވީ އިމްތިޙާނުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް އަދި ދިވެހިން "ސީ" ގްރޭޑް ލިބިފައިވާ، ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާ 40 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭ ފަރާތްތަކަށް 6,500 ރުފިޔާގޔާގެ އަސާސީ މުސާރައާއި 1,500 ރުފިޔާގެ ސަރވިސް އެލަވަންސް ލިބޭނެ ކަމަށް އިމިގްރޭޝަންގެ އިއުލާންގައި ވެއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަކުރުމަށްފަހު މުސާރައިގެ 35 އިންސައްތަ ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބެ އެވެ.

އިންޓަވިއުގެ ފުރަތަމަ މަރުޙަލާގައި ޝަރުޠު ހަމަވާ ފަރާތްތަކަށް ޓޯކަން ނަންބަރެއް ދޫކުރެވޭނެ ކަމަށާއި، މި ނަންބަރުތައް ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައި ވެއެވެ.