ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްއާ 17.2 މިލިއަން ރުފިޔާ ހަވާލުކުރީ ޑޮލަރު މާރު ކުރުމަށް ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިން މީހަކު ބުނެފިއެވެ.
ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން އަބްދުﷲ ރަޝީދު ނަކަމަކަށް ކިޔާ މީހަކު ބުނީ އެ ފައިސާ ހަވާލުކުރީ ސިޔާމްގެ ޑްރަވަރު ރާޖާ ނަކަމަށް ކިޔާ މީހަކާ ކަމަށެވެ.
އޭނާ ބުނީ 2016 ވަނަ އަހަރުގެ މެދުތެރޭގައި އެއްރެއްގެ އިޝާ ނަމާދަށްފަހު އޭރު އެމަނިކުފާނު ދިރިއުޅުއްވި ހިލާލީ ގެއަށް ދިޔަ ކަމަށެވެ. އަދި އެގޭގެ ސިޓިން ރޫމްގައި ނަގުދު ފައިސާ އިން ހުރި 17.2 މިލިއަން ރުފިޔާ ސިޔާމްގެ ޑްރައިވަރާ ހަވާލުކުރި ކަމަށް އޭނާ ކިޔައިދިނެވެ.
"ފައިސާ ހަވާލުކުރީ ޓްރޯލީ ބޭގެއްގައި. ފައިސާތައް ހުރީ 500ގެ ނޫޓުން ބަންޑްލް ކޮށްފައި،" އަބްދުﷲ ރަޝީދު ކިޔައިދިނެވެ.
ޔާމީން ދެއްކެވި ވާހަކަތަކުން އެއީ ސިޔާމާ ހަވާލުކުރާ ފައިސާކަން އެނގޭ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފައިސާ ހަވާލުކުރި ވަގުތު ނަރީޝް އާއި ޝުއާއު ކިޔާ މީހަކު އެތަނުގައި ތިބި ކަމަށް އަބްދުﷲ ރަޝީދު ކިޔައިދިނެވެ.
ފުއްގިރި މައްސަލައިގައި މަނީ ލޯންޑާ ކުރިކަމުގެ ދައުވާ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ވަނީ އުފުލާފަ އެވެ.
ޔާމީންގެ ފަރާތުން ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި މާލޭގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިޔުޑީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދިނުމަށް އިންކާރުކޮށްފަ އެވެ.