މިއުޒިކް ވީޑިއޯއެއްގެ ޝޫޓިން ތެރޭގައި އަނިޔާވެ އައިސީޔޫގައި ފަރުވާ ހޯދަން ޖެހުނު ކަމަށް މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު "ޖިމީ ކިމެލް ލައިވް"އަށް ދިން އިންޓަވިއުއެއްގައި މައިލީ ވަނީ އޭނާގެ އަލްބަމް "ސަމްތިންގް ބިއުޓިފުލް"ގެ މިއުޒިކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ކުރިމަތިވި ހާދިސާއެއްގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ހޮލީވުޑް ވޯކް އޮފް ފޭމްގައި އެ އަލްބަމްގެ މިއުޒިކް ވީޑިވޯއެއް ނަގަން އުޅުމުގެ ތެރޭގައި ތަޅުންގަނޑުގައި އޮށޯވެ އުޅެން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން އިންފެކްޝަންއެއް ޖެހުނު ކަމަށް މައިލީ ބުންޏެވެ.

އެގޮތުން ކަކުލާ ދިމާލުން އޭނާގެ ފައި ވަކިވާން އުޅޭކަމުގެ އިހުސާސެއް ކުރެވުނު ކަމަށާއި އެއީ ބިރުވެރި ތަޖުރިބާއެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

"އެ ތަޖުރިބާގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް އަހަރެން އައިސީޔޫއަށް ލައި ފަރުވާ ދިން. ޑޮކްޓަރުން ވެސް ތިބީ ހައިރާން ވެފައި،" މައިލީ ބުނެފައިވެ އެވެ.

މައިލީގެ މި ތަޖުރިބާ ހިއްސާ ކޮށްފައި މިވަނީ މި އަހަރު ފެށުނުއިރު އޭނާ ހުށައަޅައިދިން އާ އަހަރުގެ ޝޯއެއް ހުށައަޅައިދެމުން ދަނިކޮށް އޯވޭރިއަން ސިސްޓް ރަޕްޗާއެއްގެ ތަޖުރިބާ ވެސް ކޮށްފައިވަނިކޮށެވެ.