މިފަހަރު ރާއްޖެއިން ދިޔަ ހައްޖުވެރިންނަށް ދެ ހަފްތާ އުނިވިގޮތުގެ ތަފްސީލް ސަރުކާރުން ހާމަކޮށްދޭން ހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއަށް ލިބުނު 1000 ކޯޓާގައި މީހުން ހައްޖަށް ގެންދަނީ ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހައްޖުވެރިން، އެބައި މީހުންގެ ދަތުރަށް ހައްޖު ކޯޕަރޭޝަންއަށް އެއް މަސްދުވަހަށް ފައިސާ ދައްކާފައި ވާއިރު، އެމީހުންނަށް އެ އެއް މަސް ދުވަހުގެ މުއްދަތުން ދެ ހަފްތާ އުނިވީ ކީއްވެކަން ތަފްސީލާއެކު ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
މިކަމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާނެ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
"ހައްޖު ކޯޕަރޭޝަނަކީ ހިދުމަތެއް ދޭތަނަކަށް ވީމަޔާއި އެކީ އަމުކޮށް އުޅެނީ ދަރަނީގަ އިނގޭތޯ މިހާރު ހައްޖު ކޯޕަރޭޓަން ފެށިގެން މިދިޔަ އަހަރު ހަމައެކަނި މިދިޔަ އަހަރު އެކަނިވެސް ދަރަނި އެބައުޅޭ ސާޅީހަކަށް މިލިޔަން އެހެން ވީމަ ޖުމްލަ ދަރަނި އެބައުޅޭ 200 މިލިޔަނަށް ވުރެ މަތީގަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ވަނީ ފުލުހުންގެ މުއައްސަސާ ހިންގާ ގޮތާ މެދު ވެސް ފާޑުވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދާދިފަހުން ފާސްކުރި ގޭންގު ގާނޫނުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، ފުލުހުންގެ އަމަލުތައް މިހާރު ހުރިގޮތުން އިންސާފުވެރިކަމާއެކު އެ ބާރުގެ ބޭނުން ކުރާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"އަދުލުވެރިކަން އަންނަންވާ ހިސާބަކީ ހަމައެކަނި ހުކުމާއި ހިސާބަކު ނޫނޭ އަދުލުވެރިކަން އަންނަންވާ ހިސާބަކީ މީހަކާއި ދޭތެރޭ ތުހުމަތުވާ ހިސާބު، އެކަަމަކު މީހުންނާއި ދޭތެރޭ ތުހުމަތުވާ ހިސާބުން އަދުލުވެރިކަން ނޯންނާނެކަން ކިތަންމެ ރަނގަޅަކަށް ވެސް ދައްކައި ދީފި ފުލުހުންނަށް އިހައްދުވަހު އެދިން އާދަޔާ ހިލާފު ބާރުތަކުންް، ގޭންގް ބިލުން ފުލުހުންނަށް އެދިނީ އާދަޔާ ހިލާފު ބާރުތަކެއް،" ޔާމީން ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދާ އެންމެ ފަހުން ގްރޫޕް ފުރާނީ މިއަދު މެންދުރު ފަހު އެވެ.