ސްޓެލްކޯ އިން ކަރަންޓު ދޭން އަޅާފައިވާ ކޭބަލެއް ހަލާކުވެގެން މާލޭގެ ގިނަ ސަރަހައްދުތަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިއްޖެ އެވެ.

މިއީ މިހަފުތާގެ ތެރޭގައި މާލޭގެ ކަރަންޓު ވިއުގައަށް މައްސަލަ ދިމާވެގެން ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ. ސްޓެލްކޯގެ އިންޖީނުތަކަށާއި ކޭބަލްތަކަށް އެކިއެކި މައްސަލަތައް ދިމާވެގެން، މި ފަހަކަށް އައިސް އެކި ދުވަސްތަކުގައި މާލެއިން ކަރަންޓު ކެނޑުން ވަނީ އާއްމު ކަމަކަށްވެފަ އެވެ.

މާލެއިން މިއަދު ހެނދުނު 8:00 ހާއިރުން ފެށިގެން ކަރަންޓު ކެނޑުމާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާކުރަމުންނެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

"މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށްއެދެން،" އެ ކުންފުނިން ބުނެފައިވެ އެވެ.

މާލެއިން ކަރަންޓު ކެނޑެން ދިމާވި ހައްލުވި ކަމަށް ސްޓެލްކޯ އިން 11:30 އިރު ބުނި ނަމަވެސް އެ މައްސަލަ ހައްލުނުވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދުގައި ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ބައެއް އިންޖީނުތައް މަރާމާތު ނުކުރާތާ އެތައް ދުވަހެއް ވުމުން އެ އިންޖީނުތައް ބޭނުން ނުކުރެވޭ ހިސާބަށް ވަނީ ގޮސްފަ އެވެ.

އެ ކުންފުނީގެ މާލޭ އިންޖީނުގެ ތެރޭގައި ހުރި ބައެއް އިންޖީނުތައް މަރާމާތު ނުކުރުމުގެ ސަބަބުން އެ ތަކެތީގެ ހާލަތު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން ވަނީ އާންމުވެފަ އެވެ. މި އިންޖީނުތައް މަރާމާތު ނުކުރެވެނީ ސްޓެލްކޯގެ ބައެއް އިސްވެރިން ޔޫރަޕްގެ ސަޕްޔަރުގެ ކިބައިން ރިޝްވަތު ދިނުމަށް ޑިމާންޑް ކުރަން ފެށުމުން ރިޝްވަތު ދޭން އެ ސަޕްލަޔަރު ދެކޮޅު ހެދުމުން ތަކެތި ނުގެނެވިގެންނެވެ.