ސުޕްރީމް ކޯޓުގެ މަސައްކަތްތައް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް މަދުވެފައިވާކަން އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެންމެ 15 މައްސަލަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ނިންމި 25 މައްސަލައާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ހަމައެހެންމެ، ކޯޓުން ބޭއްވި އަޑުއެހުންތަކުގެ އަދަދުވެސް ވަނީ ބޮޑުތަން މަދުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ދެ މަހު 47 އަޑުއެހުން ބޭއްވިއިރު، ޖެހިގެން އައި ތިން މަހު ބޭއްވިފައިވަނީ އެންމެ 11 އަޑުއެހުމެވެ.
ސުޕްރީމް ކޯޓުގެ މަސައްކަތްތައް މިހާ ބޮޑަށް މަދުވެފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެ ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންކަމުގައިވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި ހުސްނުއްސުއޫދު ސަސްޕެންޑް ކުރެވުނު ހާދިސާއާ ގުޅިގެންކަމަށް ބެލެވެ އެވެ.
މި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.