ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ، އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކޮށްފި އެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 100 މީހުން ޝަހީދުކޮށްލާފައިވަނިކޮށް ހުށަހެޅި މި ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެމެރިކާއިން އެކަންޏެވެ.
އެ މަޖިލީހުގައި ތިބޭ 15 މެންބަރުންގެ ތެރެއިން، 10 މެންބަރުން ހުށަހެޅި މި ގަރާރަށް ބާކީ ތިބި 14 ގައުމުން ވަނީ މި ގަރާރު ފާސްކުރަން ގޮވާލާފަ އެވެ.
މި ގަރާރު ވީޓޯ ކުރުމުގެ ކުރިން ވާހަކަދައްކަމުން އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ވަގުތީ ސަފީރު، ޑޮރޮތީ ޝިއާ ވަނީ އެ ގަރާރުގައި ބަޔާންކޮށްފައި އޮތް ހަމާސް ގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީން މިނިވަން ކުރުމަކީ ވެސް ގަތުލުއާއްމު ހުއްޓޭނެ ސަބަބެއް ނޫންކަމަށް ބުނެފަ އެވެ.
"މި ސިޔާސަތުގައި އެމެރިކާ ގަބޫލުކުރާ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެ. އިޒްރޭލަށް އެމީހުން އަމިއްލަ އަށް ދިފާއު ވުމުގެ ހައްގު ލިބިގެންވޭ. އޭގެ ތެރޭގައި ހަމާސް ބަލިކޮށް އެމީހުންނަށް އަލުން އިޒްރޭލަށް އިންޒާރު ދެވޭ ފަދަ މަގާމަކަށް އައުމުގެ ފުރުސަތު ނުދިނުން ހިމެނޭ،" އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝިއާ ވިދާޅުވި އެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓާލުމަށް މުޅި ދުނިޔެ އިން ވެސް ގޮވާލަމުން އަންނައިރު، މިކަމަށް އިޒްރޭލުން ދީފައިވަނީ ބީރު ކަންފަތެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާ އަށް އެމީހުން ހަމަލާދޭން ފެށީއްސުރެ އެމީހުން ވަނީ އުދުވާން ފުޅާ ކޮށްފަ އެވެ.
މީގެ އިތުރުންވެސް ޣައްޒާ އަށް އެހީ ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގެ ގިނަ ބަޔަކު އަންނަނީ ބަނޑުހައިހޫނުކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ.