ބަބަލް ޓީ ނުވަތަ ބޮބާ ޓީއަކީ މިއަދު އަހަރުމެންގެ ތެރޭގައި ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަނގައަށް މީރު ބުއިމެކެވެ. ގިނަ ބަޔަކު ބޭނުންކުރާ ވެސް ބުއިމެކެވެ.
އެހެން ނަމަވެސް އެއްވެސް އެއްޗެއް މާ ގިނައިން ބޭނުން ކުރުމަކީ ނުރައްކަލެއް ކަމަށް ބުނާ ފަދައިން ބަބަލް ޓީއަކީ ވެސް މާ ގިނައިން ބޮއިފިނަމަ ސިއްހަތަށް ގެއްލުންދޭ ބުއިމެކެވެ.
އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޓައިވާނަށް ނިސްބަތްވާ ޒުވާނަކު ތަޖުރިބާ ކުރަން ޖެހުނު ހިތި ތަޖުރިބާ އެކެވެ.
އުމުރުން 20 އަހަރުގެ އެ ޒުވާނާއަކީ ބަބަލް ޓީ ބޯން ދެވިހިވާފައިވާ ޒުވާނެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން ފެނުގެ ބަދަލުގައި ވެސް އޭނާ ބުއީ ބަބަލް ޓީ އެވެ.
ނަތީޖާއަކަށް ވެގެންދިޔައީ މާ ގިނަދުވަސްނުވެ އޭނާގެ ބަނޑުގައި ރިއްސަން ފެށުމެވެ. ވާނުވާއެއް ނޭނގި އެ ތަދު ކެތްނުކުރެވޭ ވަރަށް ބޮޑުވުމުން އޭނާ ހޮސްޕިޓަލަށް ދިޔަ އެވެ.
ޑޮކްޓަރުން ބެލި ބެލުމުން އެނގިގެންދިޔައީ ސިއްސައިގެންދާ ފަދަ ހަގީގަތެކެވެ. އެ ޒުވާނާއަށް އިހުސާސް ކުރެވުނު ތަދުގެ ފަހަތުގައި ވަނީ އޭނާގެ ކިޑްނީއިން ނެގި 300 ހިލަކޮޅެވެ.
ޒުވާނާގެ ކިޑްނީގައި އެހާ ގިނަ ހިލަކޮޅު އުފެދުނީ މާ ގިނައިން ބޮބާ ޓީ ބުއިމުން ކަމަށާއި އޭގައި އެކުލެވޭ ހަކުރުގެ ސަބަބުން ކިޑްނީ ހިލަ އުފެދެން މަގުފަހިވާ ކަމަށްވެ އެވެ.
ބަބަލް ޓީގެ އިތުރުން އެނާޖީ ބުއިންތަކާއި ފިޒީ ބުއިންތަކަކީ ވެސް މިފަދަ ނުރައްކާތެރި ހާލަތްތަކަށް މީހާ ވައްޓާލާނެ ފަދަ ގެއްލުން ދެނިވި ބުއިންތަކެކެވެ.