ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ގެންގުޅުނު މެނިފެސްޓޯގައި ރައްޔިތުންގެ ވާހަކަ އޮތް ނަމަވެސް މިހާރު އެ މެނިފެސްޓޯގައި ރައްޔިތުންގެ ވާހަކަ ނެތް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު އެ ޕާޓީގެ އޮފީހުގެ ކުރިމަތީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުން ގެންދަވަނީ ސަރުކާރު ކުންފުނިތަށް ބޭނުންކޮށްގެން އިދިކޮޅަށް ވޯޓު ދޭނެ ހެން ހީވާނެ މީހުންނަށް ބިރު ދައްކަމުން ކަމަށެވެ. ޝިޔާމްގެ ވާހަކައިގައ އޭނާ ވިދާޅުވީ އެގޮތަށް ދައްކާ ބިރަކަށް މުވައްޒިފުން ބިރު ގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، 2023 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުުމުގެ ރައީސްކަމަށް އަންނާނެ ކަމަށާއި އެއާއެކު ނުހައްުގުން ވަޒީފާއިން ވަކިކުރި ކޮންމެ މުވައްޒިފަކަށް އަލުން ވަޒީފާ ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ ބެލުމުގެ ދަށުން ހިންގާ ފެލިވަރުގައި މަސައްކަތް ކުރާ 200 ވަރަކަށް މުވައްޒަފުންނަށް ވޯޓުލާން ނުދެވޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށެވެ. އަދި އެގޮތަށް ދައްކާ ބިރަކަށް ފަސްޖެހިވަޑައި ނުގަތުމަށް ވެސް ޝިޔާމް ވަނީ އެދިވަޑައިގެންފަ އެވެ.
ވާހަކަ ދައްކަވަމުން ޝިޔާމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ފައިސާ ނުލިބި ހާލުގައި ޖެހިފައިވަނިކޮށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ދަނީ އަމިއްލަ ޕާޓީތަކުގެ މެމްބަރުންގެ ލާބަޔަށް ސަފާރީތަށް ކުއްޔަށް ހިފައި އޭގެައި ނާޗަރަންގީ ކުޅެމުން ކަމަށެވެ. އަދި އެކަން ކުރާ މަންޒަރު ދެއްކުމަށް ބޮޑު އަގުގައި ދައުލަތުގެ މީޑިއާ (ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް) އަށް ވެސް ނުފޫޒު ފޯރުވަމުން ކަމަށެވެ.
ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ކެމްޕޭން ނިންމާ ޖަލްސާގައި ޕީއެންސީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު ޖަމީލް އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ގައްސާން މައުމޫން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.