ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ތަރި ޕަރޭޝް ރާވަލްއަކީ ފިލްމީ ދާއިރާގެ އެކި ކަންކަމުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ފާޅުކުރާ ތަރި އެކެވެ.

އެންމެ ފަހުން ޕަރޭޝް ދިން އިންޓަވިއުގައި ވެސް އޭނާ ވަނީ ބޮލީވުޑްގެ އެކި ކަންކަމަށް ފާޑުކިޔާފަ އެވެ. އޭގެ ތެރެއިން އެއް ކަމަކަށްވީ ސިނަމާތަކުގައި ހުންނަ ރެކްލައިނާ ގޮނޑިތަކެވެ.

ޕަރޭޝް ބުނީ އޮށޯވެވޭ ގޮތަށް ހުންނަ ރެކްލައިނާ ގޮނޑިތަކުގައި ތިބެގެން ފިލްމެއް ނުބެލޭނެ ކަމަށާއި ރަނގަޅަށް ފިލްމެއް ބެލޭނީ އިށީނދެ އިނދެގެން ކަމަށެވެ.

އޭގެ އިތުރުން ވެސް ސިނަމާގައި ފިލްމު ދައްކާ ވަގުތު ކުރިމަތިން ވެއިޓަރުން ހިނގާ ކަމަށާއި އެކަމުން ވެސް ފިލްމު ބެލުމުގެ ތަޖުރިބާއަށް އަސަރުކުރާ ކަމަށް ޕަރޭޝް ބުންޏެވެ.

ސިނަމާތަކުގައި ލިބެން ހުރި ހިދުމަތްތަކާއެކު ފިލްމުގެ ޓިކެޓުތަކުގެ އަގު ބޮޑުވުމަކީ ވެސް ބޮލީވުޑަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ޕަރޭޝް ފާހަގަކުރި އެވެ.

ޕަރޭޝްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު "ހޭރާ ފެރީ 3"އަށް އާނބަސް ބުނެ ޕްރޮޑިއުސަރުންނާ ޖެހުނު މައްސަލައެއްގެ ސަބަބުން ދުވަސްކޮޅަކަށް އޭނާ އެ ފިލްމުން ދުރަށް ދިއުމަށްފަހު އަލުން އެ ފިލްމާ ވަނީ ގުޅިފަ އެވެ.