މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އިންސާފުވެރިވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ޝަރީފް ވިދާޅުވީ ވޯޓުލުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އީސީއިން ގެންދަނީ އިންތިހާބުގެ ކަންތައް ވަރަށް ގާތުން މޮނިޓާ ކުރަމުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އެ އިންތިހާބު މޮނިޓާކުރުމަށާއި އޮބްޒާވްކުރުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި މޮނީޓަރުންނާއި އޮބްޒާވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އިންތިޚާބުގައި ޖުމްލަ 3،814 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި 2،234 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީ އަށް ވާދަކުރާ 1،580 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެނީ 273،128 މީހަކަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ގާނޫނަށް ބޯލެބުމަށް ވެސް ޝަރީފު ވަނީ އެދިވަޑައިގެންފަ އެވެ.