މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރު ދޮޅުލައްކައަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އީސީއިން އަންދާޒާ ކޮށްފައިވަނީ މި އިންތިހާބުގައި ވޯޓުލާނީ 30 ނުވަތަ 40 ޕަސަންޓާ ދެމެދު މީހުން ކަމަށެވެ. ނަމަވެސް މިހާރު މި އަދަދު އިތުރުވާނެ އެވެ.

އެހެން އިންތިހާބުތަކުގައި ހެނދުނުން ފަށައިގެން ވޯޓުލާ މަރުކަޒުގައި ކިޔު ދަމާލާފައި އޮތަސް މިއަދު ގިނަ ވޯޓުލާ މަރުކަޒުތަށް ހުރީ ފަޅުކޮށެވެ. ވޯޓުލީ މީހުންގެ އަދަދު އިތުރުވެފައިވަނީ މެންދުރު ފަހު އެވެ. މެންދުރުފަހު ގިނަބަޔަކު ވޯޓުލާން ދިޔަނަމަވެސް ވޯޓުލާ މަރުކަޒުތަކުގެ ކިޔު ދިގުވެފައިވާ މަންޒަރެއް ނުފެނެ އެވެ.

މިއަދު ހަވީރު 6:00 ޖެހުމުން ވޯޓު ފޮށިތަށް ބަންދުވާނެ އެވެ.

އިންތިހާބުގެ ގުޅިގެން މިހާތަނަށް އެއްވެސް ކަހަލަ ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށް ޝަރީފު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި މިއީ އިންސާފުވެރި އިންތިހާބަކަށް ވާނެކަމަށް ވެސް އޭނަ ވިދާޅުވި އެވެ. އިންތިހާބުގެ ސަލާމަތި ކަންކަން ބަލަހައްޓާ ފުލުހުން ވެސް ބުނެފައިވަނީ އަދި މިހާތަނަށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.