ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މާދަމާ މާފުށީ ޖަލުގައި ސުވާލުކުރަން ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ފުލުހުން ޔާމީން އާ ސުވާލުކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަން ސާފުވެފައިނުވާ ކަމަށެވެ. އަދި މާދަމާ ސުވާލުކުރާ ވަގުތަށް ވަކީލުންގެ ޓީމަށް މާފުށިއަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ކަމަށެވެ

ވަކީލުންގެ ޓީމު ހާޒިރުގައި ނެތި ޔާމީންއާ ސުވާލުކުރާތީ ކަންބޮނޑުވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ފުލުހުން މުއައްސަސާއަކީ މިހާރު އެމްޑީޕީން ބުނާ ގޮތަށް ކަންތައް ކުރާ މުއްސަސާއެއް ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ. ފުލުހުން ހިންގަނީ މިނިވަން ތަހުގީގުތަކެއް ނޫން ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް ޔާމީން ވަނީ ފުލުސް ހެޑް ކުއާޓާއަށް ހާޒިރުކޮށްގެން ސުވާލުކޮށްފަ އެވެ. އެ ފަހަރު ސުވާލުކުރީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުން ދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގަ އެވެ.

މަނީ ލޯންޑްރިންގެ ކުރި ކަމުގެ ކުށް ސާބިތުވެ ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ދަށު ކޯޓްގައި އިތުރު ދެ މައްސަލައެއް މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ.