މާލޭ ރައްޔިތުން ދެއްވި ވޯޓުގެ މާނައަކީ ތިމަންނާމެން ގޯތި ބޭނުންވަނީ ގުޅީފަޅުންކަން އަންގަން ދިން ވޯޓެއް ކަމަށާއި މާލޭ މީހުންނަށް ގުޅީފަޅުން ގޯތި ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭ ސިޓީގެ ނަތީޖާ އައުމާއެކު މިރޭ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާއަށް ދިން ވޯޓުގެ ގުޅީފަޅަކީ މާލޭ ރައްޔިތުން ގޯތި ބޭނުންވާ ރަށް ކަމަށެވެ. އަދި އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އިތުރަށް އޭނާ ވިދާޅުވީ މާލޭ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށެވެ. އަދި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލީ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތު އެގޭތީ އެކަންކަމަށް ނިމުުމެއް ގެނައުމަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން ކުރެއްވި އިތުބާރަށް ކުޑަނަމަވެސް ބުރޫ އަރާ ކަމެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ ކަމަށާއި މާލެ އާއި މާލޭ ރައްޔިތުންނަށް ފައިދާވާން އޮންނަ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށާއި، އަދި ސަރުކާރުން ކުރާ ކަމެއްގެ ސަބަބުން މާލޭ ރައްޔިތުންނަށް ނޭދެވޭ އަސަރެއް ކުރާ ކަމަށް ވަނީނަމަ އެންމެ ފުރަތަމަ އެކަމާ ދެކޮޅަށް އަޑު އުފުލާނެ މީހަކުގައި ވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ގުޅިފަޅުން މާލޭ މީހުންނަށް ގޯތި ދޭން ނިންމުމަށް ފަހު އެ ރަށުގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދާތީ މާލޭ ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ކެމްޕެއިންއެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ކެމްޕޭން ކުރިއަށް ގެންދިޔައީ" ނޯ ގޯތި ނޯ ވޯޓު" ނަމުގައި އެމްޑީޕީއާ ދެކޮޅުގެ ހަރަކާތެއްގެ ގޮތުގަ އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަށް އަވަސްކުރުމަށާއި މާލޭގެ ސާފުތަހިރު ކަމަށެވެ. ވަކިން ހާއްސަކޮށް މިސްކިތްތަށް ސާފުތާހިރު ތަނެއްގެ ގޮތުގައި ބަލަހައްޓާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.