އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީން އެމްޑީޕީއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ ޕާޓީގެ އެތެރޭގައި ބައިބައިވުން އޮތުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ނާތީޖާއަކީ ޑިމޮކްރަސީގައި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ، އިންތިހާބުން ބަލިވުމުގެ މައިގަނޑު އެެއް ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރަން ޖެހުނު މަސައްކަތް ކަމަށެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވަނީ މާލޭ ދާއިރާގެ 12 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ފާއިތުވި 11 އަހަރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލެއަށް މިކަން ގަބޫލުކުރަން ދައްޗެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގައި އިސްކޮށް އުޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ކެމްޕޭން ދުވަސްވަރު ނަޝީދު ބުނެފައިވަނީ މާލޭ ސިޓީގެ ހުރިހާ ދާއިރާއެއް އެމްޑީޕީއެއް ކާމިޔާބުކޮށް މުޅި ރާއްޖެ ހިމެނޭހެން އިންތިހާބުގެ 70 ޕަސަންޓު ކާމިޔާބުކުރާނެ ކަމަށެވެ.