ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އިދިކޮޅުގެ ކެންޑިޑޭޓާއި ސިޓީތަކުން އިންތިހާބު ވެވަޑައިގެންނެވި އެހެން މޭޔަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫޒް އަޒީޒު މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި ރައީސް ސޯޯލިހު ފޯނުން ގުޅާ ހުރިހާ މޭޔަރުންނަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީ ގެންނަން ހުރިހާ މޭޔަރުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ 68 ޕަސަންޓު ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމްއިންނެވެ. ޒަމާންތަކެއް ވަންދެން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީތަކުން މިފަހަރު ޕީޕީއެމްއިން ވަނީ ކުރި ހޯދައިފަ އެވެ.

އެމްޑީޕީގެ މި ނާކާމިޔާބީއަކީ ޕާޓީގެ ތެރޭގައި ބައިބައިންވުން އޮތުމުން ދިމާވި ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވިއިރު، އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކޮށް ބަލިވި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދަން އެމްޑީޕީގެ އެތެރެ އިސްލާހުކުރަން ޖެހޭ ކަމަށެވެ.