މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އަންހެން ފުލުހަކާއި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ 31، އާއި ހއ. ދިއްދޫ، ހަޒާރުމާގެ, ސައިފުﷲ އަހްމަދު 26، އެވެ.

ފުލުހުން ބުނިގޮތުގައި މީގެ ތެރެއިން ޝިޔާޒާ އަކީ ފުލުހެކެވެ. އަދި އޭނާ މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑު ވެސް ކޮށްފަ އެވެ. ދެން ހައްޔަރުކުރީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. މި ދެ މީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝިޔާޒާގެ ބަންދަށް ފަސް ދުވަސް އަދި ސައިފުﷲގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.