ލޯކަލް ކައުންސިލް އިންތިހާބުން މާލޭ ސިޓީގެ ދާއިރާތަކަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓުން ބަލިވީ ޕާޓީގެ އެތެރޭގައި ކޮރަޕްޝަން އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ނަތީޖާ އައުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، މާލޭ ސިޓީގެ ތާއީދު އެމްޑީޕީއަށް ގެއްލުނީ ކޮވިޑާއި ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ރައްޔިތުންގެ އުއްމީދުތައް މާމަތީގައި ހުރުމާއި އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ކޮރަޮޕްޝަންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ކޮރަޕްޝަން ނަޝީދުު ގުޅުވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއާ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން ކޮރަޕްޝަނާ ދެކޮޅު ކަމަށެވެ. ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގަން އެފަރާތްތަކުން ނޭދޭ ކަމަށާއި އެކަހަލަ ކަމެއް ހިނގާ ކަމަށް ވާނަމަ މެންބަރުން ހިތްހަމަ ނުޖެހޭ ކަމަށެވެ.

މީގެ ކުރިން ނަޝީދު ވަނީ ފައްޔާޒުން މިނިސްޓަރުން ކަމުން ވަކިކުރަން ވެސް މަސައްކަތް ކުރައްވައި އެ މަސައްކަތުގައި ނާކާމިޔާބުވެފަ އެވެ. ފައްޔާޒު ފާހަގަވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އިތުބާރުކުރައްވާ ވަޒީރެއްގެ ގޮތުގަ އެވެ.

އިދިކޮޅުގެ ފަރާތުން ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން، ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު އިންތިހާބުން ބަލިވީ، އެމްޑީޕީގެ އެތެެރޭގެ ބައިބައި ވުމާއި ގުޅިގެން ކަމަށެވެ.

އަނަސް ވެސް ބަލި ގަބޫލުކުރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމްޑީޕީ އަލުން އިސްލާހުކުރަން ޖެހޭ ކަމަށެވެ.

އަދިކޮޅު ކޯލިޝަންގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ގެންދަނީ ސަރުކާރުގެ މަސައްކަތަށް ހުރަސް އަޅަމުންނެވެ. އެކަން ކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަޖިލީހުން ސަރުކާރުގެ މަސައްކަތްތަށް ހުރަސް އަޅައި މެޑަލް ޖަހަން އުޅޭތީ އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ ނަޝީދަށް ތާއިދުކުރާ މެމްބަރުންނާއި ރައީސް ސޯލިހުއަށް ތާއިދުކުރާ މެމްބަރުންނެވެ.

އެމްޑިޕީގެ އުފެދުނީއްސުރެ އެ ޕާޓީގައި ތިއްބެވި ހިދުމަތްތެރިން ވެސް ވިދާޅަވަމުން ގެންދިޔައީ އެމްޑީޕީގެ އެތެރެ ހިނގާގޮތް ކަމުނުދާ ކަމަށެވެ. އަދި އެކަން އިސްލާހުނުކޮށް އިންތިހާބުތަކުގައި ވާދަކުރިޔަސް ބަލިވާނެ ކަމަށެވެ. އަދި އެކަމުގެ އެންމެ ބޮޑު ހެއްކަކީ މާލޭ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުން ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.