މާދަމާ އަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

ހަނދު ސާބިތު ކުރުމުގެ ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އިއްވެވި ބަޔާނުގައި ވިދާޅުވީ މިރޭ އިރުއޮއްސޭއިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅާކަމަށެވެ.

މިއަހަރު ރަމަޟާން މަހުގެ ހަނދާ ބެހޭ ގޮތުން ހަނދުބެލުމާ ބެހޭ ކޮމިޓީން މިރޭ މަޝްވަރާކުރަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ވަނީ އަންނަ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މިމަހުގެ 13 ވާ އަންގާރަ ދުވަހެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ގައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.

ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، ރާއްޖޭގެ އެންމެ އުތުރަށް މިއަދުގެ އިރު އޮއްސުމުގެ 24 މިނެޓް ކުރިން ހަނދު އޮއްސެ އެވެ. އަދި މާލެއަށް، އިރު އޮއްސުމުގެ 22 މިނެޓް ކުރިން ހަނދު އޮއްސެ އެވެ. ރާއްޖޭގެ އެންމެ ދެކުނަށް މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސެ އެވެ.