މި ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އޭގެ ތެރެއިން ރައީސް މުއިއްޒަށް ތާއީދުކުރާ ތިބީ މަދު މެމްބަރުންތަކެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެބްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީ އެމްޑީޕީގެ ފިކުރަށް ޚަބަރުތައް ގެންނަ ރާއްޖެ ޓީވީން ރޭ ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ މިއަދު މި ގައުމުގައި ރައީސް މުއިއްޒަށް ތާއީދު ކުރާ އެންމެ 10 ޕަސެންޓް މީހުން ވެސް ނެތް ކަމަށެވެ.

މިހާރު ރަށްރަށް ރައީސް އެރުއްވުމުން ވެސް އެންމެ ނިކުމެ ގޮވަނީ އެއްޗިސް ކަމަށާއި ރައީސް މުއިއްޒަށް ކުރިން އޮތް ތާއީދު މިހާރު މި ގައުމުން ނެތި ހިންގައްޖެ ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން ރައީސް ނ. އަަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފެނިގެން ދިއަ މަންޒަރުތަކުން ރައީސް މުއިއްޒަށް މި ގައުމުގައި ތާއީދެއް މިހާރު ނެތްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ސްކޫލު ކުދިން ވެސް ރައީސް މުއިއްޒަށް ސަނާ ކިޔަން ނެރެފައި ތިބީ ބިރުދައްކައި މަޖުބޫރު ކޮށްގެން ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު މި ސަރުކާރުގެ މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ ތެރޭގައި ވެސް ރައީސްގެ ސިޔާސަތުތަކަށް ފާޑު ކިޔުއްވާ ބޭފުޅުން ގިނަ ކަމަށާއި މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް މެމްބަރުންގެ ތެރެއިން ވެސް ރައީސް މުއިއްޒަށް ތާއީދު ކުރަނީ އެންމެ 15 ވަރަކަށް މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ޕީއެންސީ އަށް ނިސްބަތްވާ 75 މެމްބަރުން މަޖިލީޙުގައި އެބަ ތިބި ކަމަށާއި ނަމަވެސް އޭގެ ތެރެއިން މަދު މެމްބަރެއް ނޫނީ މިހާރު ރައީސް މުއިއްޒުއާއި އެއްކޮޅަށް ވާހަކަ ނުދައްކާ ކަމަށެވެ. އަދި ހަމަ ވަރަށް ފާޅުގައި ގިނަ މެމްބަރުން މި ސަރުކާރުގެ ކަންކަން ގޯސް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް މެމްބަރުންގެ ތެރޭގައި ވެސް މިހާރު މުއިއްޒަށް ތާއީދު ކޮށް ވާހަކަ ދައްކާ މެމްބަރަކު ނެތޭ އިނގޭތޯ. ބައްލަވާ 75 މެމްބަރުން ތިއްބެވި އިރު، އެންމެ 15 ވަރަކަށް މެމްބަރުންނޭ ރައީސް މުއިއްޒުއަށް ތާއީދު ކުރައްވަނީ. ދެން ނެތޭ މި ގައުމުގައި އެމަނިކުފާނަށް ތާއިދެއް ކުރައްވާ މީހަކު."
އައްބާސް ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ މިއަދު ތާއީދު ނެތްކަން އެނގިލައްވާތީ ރައީސް މުއިއްޒު އުޅުއްވަނީ ގޮތް ހުސްވެގެން ކަމަށެވެ. ޚުދު އެމަނިކުފާނަށް ވެސް މިހާރު ވަމުން ދާގޮތް ވަރަށް ސާފު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.