ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މާލެ ވަށައިގެން މިރޭ 19 ސަރަހައްދެއްގައި ހަވާއަރުވަން ނިންމައިފި އެވެ.

ހުޅުމާލެއިން ފެށިގެން އުތުރުތިލަފަޅާ ހަމައަށް 19 ސަރަހައްދެއްގައި ހަވާ އަރުވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ މުސާބަތުގައެވެ.

މީގެއިތުރުން ވެލާނާ އެއާޕޯޓް ކައިރީ އިތުރު ތިން ސަރަހައްދެއްގައި ވެސް ހަވާ އަރުވާނެ އެވެ. މި ހުރިހާ ސަރަހައްދެއްގައި ވެސް ހަވާ އަރުވަނީ ހަ މިނެޓަށެވެ. ހަވާ އަރުވަން ފަށާ ގަޑިއަކީ މިރޭ 8:30 އެވެ.

މިރޭ އޮންނަ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ރައީސުންނަށް ވަނީ ދައުވަތު ދެއްވާފަ އެވެ. އަދި ސައުދީ ފަންޑުގެ ސީއީއޯ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އާ ޓާމިނަލާއެކު ވީއައިއޭ އަކީ ދެކުނު އޭޝިޔާގައި ހުރި އެންމެ ނަލަ، ޗާލު އެއާޕޯޓަށް ވާނެއެވެ.