ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފި އެވެ.

އާ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނިމިދިޔަ ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް އެ ޓާމިނަލްގެ މުހިންމު މަސައްކަތްތަކެއްކޮށްފައިވެ އެވެ.

އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކާމިޔާބީ އަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ހާސިލުވާ އެއްޗެއް ކަމަށެވެ.

"މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެ މަނިކުފާނަށާއި، އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށްވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލް ހުޅުވަން މިނިވަން ދުވަސް ހިޔާރުކުރީ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަން ހާއްސަވާތީ ކަމަށާއި އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވީއައިއޭ ކަމަށެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ރައީސާއި އަރަބި ގައުމުތަކުގެ ބައެއް ބޭފުޅުން --- ފޮޓޯ: ރައީސް އޮފީސް

"މިކަމުގެ އުފާ ފާގަތިކަން އަޅުގަނޑުމެންނަށް ލިބިގެންދާނެ. އިގްތިސާދު ފުޅާކޮށް، ކުރިއަށް ގެންދިއުމުގައި، ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަދި ޖުމްލަކޮށް، އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުވުމުގައި މި [ޓާމިނަލް] ވެގެންދާނީ ވަރަށް މުހިންމު މަސައްކަތަކަށް،" ރައީސް ވިދާޅުވި އެވެ.

އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންދިޔައީ ސައުދީ ފަންޑާއި އަބޫދާބީ ފަންޑާއި ކުވައިތު ފަންޑާއި އޯޕެކް ފަންޑުގެ ލޯނު އެހީގެ ދަށުންނެވެ.