ކުލަ ގަދަ ޑްރޯން ޝޯއަކާއި ހަވާއެރުވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް މިރޭ ހުޅުވައިފި އެވެ.
އާ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް އާ ޓާމިނަލް ހުޅުވި ވަގުތު މާލެ ވަށައިގެން 19 ސަރަހައްދެއްގައި ވަނީ ހަވާ އަރުވާފަ އެވެ. އަދި އެއާޕޯޓް ކައިރިން ތިން ސަރަހައްދެއްގައި ހަވާ އެރުވި އެވެ.
މިރޭ ބޭއްވި ޑްރޯން ޝޯގައި ރާއްޖޭގެ މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި ރައީސް މުއިއްޒަށް ޝުކުރު އަދާކޮށް ދިވެހި ބަހުން ލިޔެފައިވާ ލިޔުންކޮޅެއް ވެސް ޑްރޯން ޝޯގައި ދައްކާލާފައިވެ އެވެ.
އާ ޓާމިނަލް ހުޅުވާފައި މިވަނީ މަސައްކަތް ފެށިތާ ނުވަ އަހަރު ފަހުންނެވެ. އެ މަސައްކަތް ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން ވަނީ ސަބް ކޮންޓެކްޓަރެއްގެ ގޮތުގައި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ.
އެ މަސައްކަތަށް 457 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެ މަސައްކަތަށް ލޯނުގެ އެހީ ދިނީ ސައުދީ ފަންޑާއި އަބޫދާބީ ފަންޑާއި ކުވައިތު ފަންޑުގެ އިތުރުން އޯޕެކް ފަންޑުންނެވެ.