ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި ދުނިޔެއަށް ދެއްކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން އަޅުވެތިވެފައިވާކަން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އައީ ބޮޑު ރޭވުމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މޯދީ ރާއްޖެ ވަޑައިގަތީ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެ އޮތީ އިގްތިސޯދީ ގޮތުން އިންޑިއާގެ އަޅުވެތިކަމުގައި ކަން މުޅި ދުނިޔެއަށް ދެއްކުމަށް ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
މޯދީ ބޭނުންވި ކަންކަން ކުރުމުގެ ފުރުސަތު ރައީސް މުއިއްޒު މޯދީއަށް ތަނަވަސްކޮށްދީ ދިވެހިންގެ މިނިވަން ދުވަހު މުޅި ދުނިޔެއަށް ދެއްކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން އޮތީ އަޅުވެތިކަމެއްގެ ތެރޭގައި ކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިގްތިސޯދު މެނޭޖްކުރަން މި ސަރުކާރަށް ނޭނގުމުގެ ނަތީޖާ ހިތިވާނެ ކަމަށެވެ.
މޯދީގެ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓެއް ހަމަޖައްސަވާފަ އެވެ.