ފިރިމީހާ ރާގަވް ޗައްދާއަށް ދުވަހަކު ވެސް އިންޑިއާގެ ބޮޑު ވަޒީރުކަން ނުލިބޭނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީީތީ ޗޯޕްރާ ބުނެފި އެވެ.
ޕަރިނީތީ މި ބީދައިން ވާހަކަ ދައްކާފައިވަނީ ކަލާސް ޓީވީއިން ދައްކާ "ދަ ކަޕިލް ޝަރްމާ ޝޯ"ގައި ރާގަވްއާއެކު މެހެމާނެއްގެ ގޮތުގައި ބައިވެރިވި އެޕިސޯޑެއްގަ އެވެ.
އެ އެޕިސޯޑުގައި ރާގަވްއާއި ޕަރިނީތީ އެންމެ ފުރަތަމަ ބައްދަލުވި ގޮތާއި އެ މީހުންގެ ގުޅުން ފެށިގެން އައި ގޮތް ވެސް ބެލުންތެރިންނަށް ކިޔައިދީފައިވެ އެވެ.
އެ ޝޯގެ ޓްރެއިލާ މިހާރު އާއްމު ކޮށްފައިވާއިރު ރާގަވްއަށް ބޮޑުވަޒީރުކަން ނުލިބޭނެ ކަމަށް ޕަރިނީތީ ބުނަނީ ކަން ހިނގަނީ އޭނާ ބުނާ ގޮތާ ދިމާ އިދިކޮޅަށް ކަމަށް ވާތީ ކަމަށް ރާގަވް ބުންޏެވެ.
އެގޮތުން ދުވަހަކު ވެސް ސިޔާސީ މީހަކާ ކައިވެނި ނުކުރާނެ ކަމަށް ބުނި ޕަރިނީތީ އެންމެ ފަހުން ކައިވެނިކުރީ ސިޔާސީ މީހަކާ ކަމަށާއި އެހެން ކަމުން އޭނާއަށް ބޮޑުވަޒީރުކަން ނުލިބޭނެ ކަމަށް ޕަރިނީތީ ބުނާނަމަ އެކަން ވެދާނެ ކަމަށް ވެސް ރާގަވް ބުނެފައިވެ އެވެ.
އެ ދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުމުގެ ވާހަކަ ހިއްސާ ކުރަމުން ޕަރިނީތީ ބުނީ ބައްދަލުވުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ރާގަވްގެ އިސްކޮޅު ހޯދުން ކަމަށެވެ.
2023 ވަނަ އަހަރު ރާޖަސްތާނުގެ އުދައިޕުރުގައި ކައިވެނިކުރި ރާގަވްއާއި ޕަރިނީތީއަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ މަގުބޫލު އެއް ޖޯޑެވެ.