ސްރީ ލަންކާއަށް ބޭސްފަރުވާއަށް ދާ ދިވެހީންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބޭނެ ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހީން މިހާރު ވެސް އެކި ބޭނުންތަކުގައި ދިރިއުޅެމުންދާ ކަމަށެވެ، އެމީހުންގެ ކަންކަން ފުރިހަމައަށް ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ ސްރީލަންކާގެ އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.
"އަޅުގަނޑު ޝުކުރު ދަންނަވައިލަން ބޭނުންވޭ ސްރީލަންކާގެ ސަރުކާރަށް، އެ ގައުމުގެ މީހުންނާ ކައިވެނި ކޮށްގެން އުޅޭ ދިވެހީންނާއި ބޭހަށް އެ ގައުމަށް ދާ ދިވެހީންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް މިފަހުން އެ ގައުމުން ނިންމި ނިންމުމަށް،" ރައީސް ވިދާޅުވި އެވެ.
ދިފާއީ ދާއިރާއިންނާއި ވިޔަފާރީގެ އިތުރުން ތައުލީމާއި ތަމްރީނު އަދި ޒުވާނުންނާއި ކުޅިވަރާ ބެހޭ ދާއިރާއިން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މިއަދު މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން އަދި ތިމާވެށްޓާ ގުޅޭ ގޮތުން ވެސް އެކުގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސްރީލަންކާ އާއި ރާއްޖެއާ ދެމެދު މިއަދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުމަކާއި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްނީރާއި ހުނަރު ދިނުމާ ގުޅޭ އެއްބަސްވުމެއްގައެވެ.