ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ދެރަ ގޮތެއް ވިޔަ ނުދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ، ޔާމީނަށް ލުއި ދިނުމުގެ ގޮތުން ގެކޮޅަށް ބަދަލުކޮށް ދިނުމަށް އާއިލާއިންނާއި ޕީޕީއެމްއިން އެދިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރައްވަން ޖެހޭ މަޝްވަރާތަށް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށްވެސް ދެރަ ގޮތެއް ނުވާނެ، ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަނޑު ގޮތްތަކެއް ނިންމާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޖަލުގައި ހުންނެވިއިރު އިތުރު ޝަރީއަތެއް ވެސް މިހާރު ހިންގަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ޔާމީންގެ ސަރުކާރުގައި ބައެއް ސިޔާސީ ބޭފުޅުންނަށް ރޯދަ މަހު ލުއި ދެއްވާފައިވެ އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށުގައި ޖަލުގައި ހުންނެވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އެ ފުރުސަތު ދެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޔާމީނާ ގުޅޭގޮތުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ޔާމީން ހުކުމް ތަންފީޒު ކުރައްވަމުންދާ މާހައުލުގެ ހާލަތު ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހެއްދެވުމަށް ލަފާ ދެއްވި ނަމަވެސް ބޭރަށް ވަޑައިގަތުމަށް ދެކޮޅު ހައްދެވި ކަމަށް ރައީސް ވިދާޅުވި އެވެ.