ކުއްލި ގޮތަކަށް މަރުވި އިންޑިއާގެ ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރުގެ މުދަލުން ހިއްސާއެއް ހޯދަން އޭނާގެ ކުރީގެ އަންހެނުން ބޮލީވުޑްގެ ތަރި ކަރިސްމާ ކަޕޫރު މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި 30،000 ކްރޯޑް ރުޕީސްގެ އަގުހުރި ސަންޖޭގެ މުދާ ބެހުމާމެދު އޭނާގެ މަންމައާއި ކަރިސްމާއާ ދެމެދު ދެބަސްވުންތަކެއް ވަނީ އުފެދިފަ އެވެ.
2003 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަަހަރާ ހަމައަށް ސަންޖޭއާއި ކަރިސްމާ ކައިވެނި ކޮށްގެން އުޅުނުއިރު އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.
އެ ކައިވެނި ރޫޅުމަށްފަހު ސަންޖޭ އިތުރު ކައިވެންޏެއް ކުރިއިރު ކަރިސްމާ އެހެން ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން އެ ދެމީހުންގެ މެދުގައި މާ ބޮޑު ގުޅުމެއް ވެސް ބާއްވާފައެއް ނުވެ އެވެ.
އެެހެން ނަމަވެސް ސަންޖޭގެ މަރާއެކު އޭނާގެ މުދަލުން ހިއްސާ ހޯދަން ކަރިސްމާ މަސައްކަތް ކުރަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.
މިކަމާ ބެހޭގޮތުން ކަރިސްމާ ވަކި އެއްޗެއް ބުނެފައިނުވާއިރު ފާޅުގައި އެކަން އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައިނުވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ސަންޖޭ މަރުވެެފައިވަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ޕޯލޯ މެޗެއް ކުޅެމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.