ބޮލީވުޑްގެ ތަރި ސަލްމާން ޚާންއާ ބައްދަލު ކުރަން ކަމަށް ބުނެ ގެއިން ފިލި ކުޑަ ކުދިންތަކެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ހޯދައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ވެރިރަށް ނިއު ދިއްލީގައި ދިރިއުޅުނު އުމުރުން 9 އަހަރާއި 13 އަހަރާ ދެމެދުގެ ތިން ކުދިން ފެނިފައިވަނީ އޭގެ ހަތަރު ދުވަަސް ފަހުން އިންޑިއާގެ ނަސިކް އިންނެވެ.

ފުލުހުން ބުނީ ޖުލައި މަހުގެ 25 ވަނަ ދުވަހު ތިން ފިރިހެން ކުދިން ގެއިން ފިލައިގެން ދިޔަ ކަމުގެ ރިޕޯޓު ލިބުނު ކަމަށާއި އޭގެ ހަތަރު ދުވަސް ފަހުން ޖުލައި 29 ވަނަ ދުވަހު އެކުދިން ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މިހާތަނަށް އެނގިފައިވާ ގޮތުގައި ސަލްމާންއާ ބައްދަލުވާ ގޮތް ހަދައިދޭނެ ކަމަށް ބުނި މީހަކާ އެ ކުދިން ބައްދަލުވީ އޮންލައިން ގޭމް ޕްލެޓްފޯމަކުންނެވެ.

އެހެންވެ އެ މީހާއާ ބައްދަލު ކުރަން ތިން ކުދިން ބޮޑު މީހަކަށް ނާންގާ ރޭލަކަށް އެރި ކަމަށާއި އެހެން ނަމަވެސް ފުލުހުން އެ ކުދިންނަށް ހޯދާކަން އެނގުމުން ރޭވުން ބަދަލުކޮށް ނާސިކަށް ފޭބީ ކަމަށް ނޫސްތަކުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ސަލްމާން ނުވަތަ އޭނާގެ ޓީމުން ވެސް މިހާތަނަށް މީޑިއާއަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.