ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުގެ ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބު ނުވާތާ ހަ އަހަރު ވެފައިވާ ކަމަށް ހޮލީވުޑް ރިޕޯޓުތައް ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުގެ ފިލްމެއް އެންމެ ފަހުން ބޮކްސް އޮފީހުގައި ކާމިޔާބު ވެފައިވަނީ ކޮވިޑް 19ގެ ކުރިން 2019 ވަނަ އަހަރު އެވެ.

އޭގެ ފަހުން އެޑަމް ސޭންޑްލާގެ މަސައްކަތްތައް ގިނައިން ރިލީޒް ކުރަނީ ނެޓްފްލިކްސްގައި ކަމަށް ވިޔަސް މިއަދުވެސް އޭނާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރެވެ.

އެގޮތުން މިހާރު ވެސް އެޑަމްއާއި ނެޓްފްލިކްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޓޮމް ކުރޫޒްއާއި ރޮބާޓް ޑައުނީ ޖޫނިއާއާއި ޑްވެއިން ޖޯންސަން (ދަ ރޮކް)ގެ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

އެޑަމްގެ އެންމެ ފަހުގެ ފިލްމު "ހެޕީ ގިލްމޯ 2" މިހާރު ނެޓްފްލިކްސްގައި ރިލީޒް ކޮށްފައިވާއިރު އެ ފިލްމު އަންނަނީ މިހާރު ވެސް ނެޓްފްލިކްސްގެ ރެކޯޑުތައް މުގުރަމުންނެވެ.

އެ ފިލްމުގެ ކާމިޔާބާއާއެކު ނެޓްފްލިކްސްއިން އެޑަމްއާއެކު އިތުރަށް މަސައްކަތް ކުރަން ޝައުގުވެރިވެފައިވާއިރު އޭނާގެ ކުރިއަށް އޮތް ފިލްމު މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ