އިނގިރޭސި ވިލާތުގެ ހޫސްޓަންގައި ހިންގާ ޕާކިސްތާނުގެ ރެސްޓޯރެންޓަކުން އިންތިޒާމުކުރާ މިނިވަން ދުވަހުގެ އިވެންޓެއްގައި ބައިވެރިވާތީ ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަންއަށް އިންޒާރު ދީފި އެވެ.
ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސް (ފްވައިސް)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިވެންޓުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ކާތިކް އިޝްތިހާރު ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ "އާޒާދީ އުޓްސަވް"ގައި ކާތިކް ބައިވެރިވާނެ ކަމަށް ބުނެ އާގްރާ ޕެލެސް ރެސްޓޯރެންޓުން ވަނީ އިޝްތިހާރު ކުރަން ފަށާފަ އެވެ.
ފްވައިސްއިން އިތުރަށް ބުނީ އެފަދަ އިވެންޓުތަކަކީ އިންޑިއާއަށް ލިބޭ ފަހުރަކަށް ވީ ނަމަވެސް ހަމަ އެ ރެސްޓޯރެންޓުން ޕާކިސްތާނުގެ އާޓިސްޓުންގެ ކޮންސެޓުތައް ބާއްވައި އެގައުމުގެ މިނިވަން ދުވަސް ވެސް ފާހަގަކުރާ ކަމަށެވެ.
އެއާއެކު އިވެންޓު އިންތިޒާމުކުރާ ފަރާތުގެ ހަގީގަތް ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެ އިވެންޓުގައި ހިއްސާ ނުވާން ފްވައިސްއިން ވަނީ ކާތިކްއަށް ގޮވާލާފަ އެވެ.
ފްވައިސްގެ މި ބަޔާނާއެކު ކާތިކްގެ ޓީމުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެފަދަ އިވެންޓެއްގައި ބައިވެރިވާން ކާތިކް އެއްބަސްވެފައި ނުވާނެ ކަމަށާއި އެއީ ދޮގެއް ކަމަށެވެ.
ކާތިކްގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ 3" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަނޫރާގް ބާސޫގެ "ސްރީލަލާ" އެވެ.