ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) ކުންފުންޏަށް ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދައްކަން ޖެހޭ، އެހެން ނަމަވެސް ނުދައްކާ 280 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ހާމަވެއްޖެ އެވެ.

ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަކީ ގައުމީ ދިފާއީ ބާރުގެ މުވައްޒަފުންނަށް ކޭޓަރިންގެ ހިދުމަތާއި އެ ފަރާތްތަކަށް ފޯރުކޮށް ދޭން ޖެހޭ އެހެނިހެން ހިދުމަތްތައް ވެސް ދެމުން އަންނަ ކުންފުންޏެވެ. އެގޮތުން ސިފައިންނަށް ކާންދިނުމާއި ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރަމުން ގެންދަނީ ސިފްކޯ ކުންފުނިންނެވެ.

"ސިފްކޯ ކުންފުނިން ސިފައިންނަށް ކުރަން ޖެހޭ ހުރިހާ ކޭޓަރިންނަކާއި އެހެނިހެން ހަރަުދައް ކުރަނީ. އެގޮތުން ސިފައިންނަށް ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމާއި ކުރަން ޖެހޭ ހުރިހާ ހަރަދެއް ވެސް ކުރަން ޖެހެނީ ސިފްކޯ ކުންފުނިން. އެ ކުންފުނިން މި ހަދާ ގޮތަކީ އެކި ފިހާރަތަކުން ބިލް ކޮށްފައި ތަކެތި މި ނަގަނީ. ކާބޯތަކެތި ތައްޔާރުކަން ބޭނުންވާ ސާމާނުގެ އިތުރުން އެހެން އެއްޗެހި ވެސް. މި ހުރިހާ ފިހާރަތަކަކުން ނަގާ. މި ތަކެތި ނަގާފައި ހުންނަ ބިލުތަކަށް ފައިސާ ދައްކަން ޖެހެނީ ފިނޭންސް މިނިސްޓްރީން. ނަމަ ވެސް އެއްވެސް ވަރަކަށް ފައިސާ ނުދައްކާ. މިހާރު 280 މިލިއަނަށް ވުރެ ގިނަ ފައިސާ ފިހާރަތަކަށް ނުދައްކާ އެބަހުރި،" ސިފްކޯ ކުންފުނީގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި "ހުރިހާ" އަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިފްކޯ ކުންފުނިން ސިފައިންނަށް ކޭޓަ ކުރުމަށް ބިލްކޮށް، ފިހާރަތަކުން ނަގާފައި ހުރި ފައިސާ ސަރުކާރުން ނުދެއްކުމުގެ ސަބަބުން އެކަމުގެ ދަތިކަން މިހާރު މުޅި ކުންފުންޏަށް ވެސް ދިމާވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އެ ފިހާރަތަކުން އެ ކުންފުންޏަށް ތަކެތި ވެސް ދޫނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ވެސް ބުރޫ އަރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ސިފްކޯ ކުންފުނިން، ފިނޭންސް މިނިސްޓްރީން ބިލް ކުރާގޮތަށް ފިހާރަތަކުން ނަގާފައި ހުރި ތަކެތީގެ ބިލްތަކަށް ވެސް މިހާރު 85 މިލިއަނެއްހާ ރުފިޔާ އަރާފައިވާ ކަމަށެވެ. ނަމަވެސް އޭގެން އެންމެ ލާރިއެއްގެ މިންވަރު ވެސް އަދި ސަރުކާރުން ދައްކާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"ކީއްކުރާނީ މިވާހަތައް ދައްކަން ވެސް އެބަ ޖެހޭ. ނުދައްކައި ވާކަށް ނެތް. ކަންތައް މިހުރީ ވަރަށް ގޯސްކޮށް. މިހާރު ސިފްކޯ ކުންފުންޏަށް ބިލް ކުރާ ގޮތަށް މުދަލެއް ދޭނެ ފިހާރައެއް ވެސް ނުވޭ. އެހެންތާ ވާނީ އެތަންތަނަށް ދޭން ޖެހޭ ލާރީގެ އަދަދު ވެސް 85 މިލިއަނުން މަތީގަ އުޅެނީ. މިހާރު އެ ބިލް ތަކަށް ސަރުކާރުން ފައިސާ ނުދައްކާތީ، އެތަންތަނުން ތަކެތި ވެސް ދޫ ނުކުރޭ. އެކަމުގެ އުނދަގޫ އިންތިހާއަށް އެބަ ފޯރާ،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިފްކޯގެ ނަމުގައި ސަރުކާރުން ބިލް ކުރާގޮތަށް މުދާ ނަގަން ވެސް ބައެއް ފަހަރު ދާންޖެހޭ ކަމަށާއި ނަމަވެސް މިހާރު އެގޮތަށް ގޮސްގެން ބެދެން ޖެހެނީ ލަދެއްގައި ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ ސިފްކޯ ކުންފުނިން މުދާ ނަގަން ފިހާރައަކަށް ވަންނަ އިރަށް ފިހާރަތަކުން ދައްކާލަނީ ނަގާފައި ފައިސާ ނުދީ ހުރި ބިލްތައް ކަމަށެވެ. އަދި އިތުރަށް ތަކެތި ދޫނުކުރެވޭނެ ކަމަށް ބުނެ ފިހާރައިން ބޭރަށް ފޮނުވާލާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.