މިދިޔަ މާޗް މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ސ. މަރަދޫ ފިނިފެންމާގެ، އިބްރާހީމް ވިސާމް، ގދ. ނަޑެއްލާ ހިތަށްފިނިވާގެ، ސައުސަން ރަޝީދު އަދި މ. އެޗީވް، އަބްދުﷲ ހުވައިރިސް ބިން މުހައްމަދެވެ.

ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން، ހަނގުރާމަ އަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 5-7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ އެވެ.

ސައުސަންގެ މައްޗަށް ދެ ދައުވާ ކުރެ އެވެ. އެއީ ހަނގުރާމަ އަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. މީގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވެއްޖެ ނަމަ 5-7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ދެ ވަނަ ދައުވާ ސާބިތުވެއްޖެ ނަމަ 1-3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހުވައިރިސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް މަސައްކަތް ކުރުމުގެ ދައުވާ އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17-20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1-3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 10-15 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

އެ އެންމެން އަދިވެސް ތިބީ ބަންދުގަ އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ގެތަކާއި ގަރާޖުތައް ވެސް ފާސްކުރި އެވެ.