މާލެ އާއި ހުޅުމާލެއިން މިއަދު ކަރަންޓު ދިޔަ ވަގުތު ތެލަސީމިއާ ސެންޓަރުން ލޭ އެޅުމުގެ ހިދުމަތްތައް މެދުކަނޑާލި ކަމަށް ދެކެވޭ ވާހަކަ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގް ހަލީމް ދޮގުކުރައްވައިފި އެވެ.

މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ މިއަދު 9:30 އެހާއިރު އެވެ.

ކަރަންޓު ބެކްއަޕް ނެތުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުން މެދުކަނޑާލާފައިވާކަމަށާއި، ގިނައިރުވާނަމަ ރައްކާކުރެވިފައިވާ ލޭ ހަލާކުވާނެކަމަށް ބުނެ އޮންލައިން މީޑިއާއެއް ހިންގާ ފަރާތަކުން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.

އެއާއެކު މި ޕޯސްޓަށް ކޮމެންޓް ކުރައްވަމުން ހަލީމް ވިދާޅުވީ ތެލަސީމިއާ ސެންޓަރުގައި މިހާރު ސްޓެލްކޯ ކަރަންޓް އެބަހުރިކަމަށާއި، ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދެވުނުކަމަށެވެ.

ލޭއެޅުން މެދުކަނޑާލާފައި ނުވާކަން ކަށަވަރުކޮށްދެމުން ހަލީމް ވިދާޅުވީ ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު ކަމަށާއ، ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މައުލޫމާތު ފެތުރުން ހުއްޓާލެއްވުމަށް ހަލީމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.