ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން އާމިރު އާއި އޭނާގެ އާއިލާއަށް ކުރި ތުހުމަތުތަކާއެކު އެ އާއިލާއިން ބަޔާނެއް ނެރެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ފައިސަލް ވަނީ އާމިރުގެ އާއިލާއިން ފާއިތުވި އަހަރުތަކުގައި އޭނާއާ މެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށް ދޭހަވާ ގޮތަކަށް ވާހަކަަ ދައްކާފަ އެވެ.

އެގޮތުން އަހަރެއް ވަންދެން އާމިރުގެ ގޭގައި އޭނާ ބަންދު ކޮށްގެން ގެންގުޅުނު ކަމަށް ވެސް ފައިސަލް އޭނާގެ އިންޓަވިއުގައި ބުނެފައިވެ އެވެ.

މި ތުހުމަތުތަކާއެކު އާމިރުގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފައިސަލްގެ އެ ވާހަކަތަކާމެދު ހިތާމަކުރާ ކަމަށާއި އެކަމުން މުޅި އާއިލާއަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ އެ އާއިލާއާ ބެހޭގޮތުން ފައިސަލް ދޮގު މައުލޫމާތު ފެތުރި ފުރަތަމަ ފަހަރު ނޫން ކަމަށާއި އެހެން ނަމަވެސް ފައިސަލްއަށްޓަކައި އެ މީހުންގެ ހިތް ނިޔަތް ސާފު ކަމަށް އެ ބަޔާނުގައިވެ އެވެ.

އާމިރުގެ އިތުރުން އެ އާއިލާގެ ގިނަ މެމްބަރުންތަކެއް ގުޅިގެން ނެރެފައިވާ އެ ބަޔާނުގައި އެ އާއިލާގެ އަބުރަށް އަރައިގަންނަން ފައިސަލް ކުރާ މަސައްކަތް ކުށްވެރިކޮށްފައިވެ އެވެ.

އެގޮތުން އެކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި އެ އާއިލާގެ ކަންކަމަށް އިހުތިރާމް ކުރުމަށް ވެސް އެ ބަޔާނުގައި މީޑިއާގެ ކިބައިން އެދިފައިވެ އެވެ.

އާމިރު އާއި އޭނާގެ ކޮއްކޮ ފައިސަލްގެ ގުޅުން މިފަހަކަށް އައިސް ގޯސްވެފައިވާއިރު އެ ދެބެއިން ވަނީ ވަރަށް ފަހުން ކޯޓަށް ވެސް ގޮސްފަ އެވެ.