ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދައުލަތުން ދޭ ފައިސާ ހަރަދުނުކޮށް ބަހައްޓާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުންފާޅުކުރައްވައިފި އެވެ.

ބ. އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަހަރު ނިމޭއިރު ކައުންސިލްތަކުން ގްރާންޓްގެ ގޮތުގައި ދީފައިވާ ފައިސާގެ ބޮޑުބައެއް ހޭދަނުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން 2.2 ބިލިއަން ރުފިޔާ މިދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި ނަމަވެސް އަހަރު ނިމުނު އިރު 1.4 ބިލިއަން ރުފިޔާ ހޭދަނުކޮށް ކައުންސިލްތަކުގެ އެކައުންޓްތަކުގައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން މި އަހަރު ދޫކުރި ފައިސާއިން ވެސް ހަރަދު ކުރުމުގެ ޓްރެންޑް ހުރީ ހަމަ އެކަހަލަ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފައިސާ އިން މުހިންމު ކަންކަން ކުރުމުގެ ބަދަލުގައި ތަޖުރިބާގެ ދަތުރުގެ ގޮތުގައި ރާއްޖެއިން ބޭރަށް ބޭކާރު ދަތުރުތަކެއް ބައެއް ކައުންސިލްތަކުން ކުރަމުން އަންނަ ކަމަށެވެ.

"މި ފައިސާ މިދެނީ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން. އެއީ ލާޒިމްކަމެއް އެ ފައިސާ ޒިންމާދާރުކަމާ އެކު ހަރަދުކޮށް އެ ރަށެއްގެ ފެންވަރު އެންމެ ރަނގަޅު މުނިސިޕަލް ހިދުމަތްތައް ދިނުން. އެކަމަކު މި ހުރީ ހަރަދު ނުކޮށް ބޭނުންނުކޮށް ބަހައްޓާފައި އެ ފައިސާ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އާންމު ރައްޔިތުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ކައުންސިލްތަކަށް ނުވަދެވޭނެހެން ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.