މިއަދު އިންތިހާބާ ބެހޭ މައި މަރުކަޒު (ބާ ޖަމާލުއްދީން) ގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް ކުށްވެރިކުރާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ހަމަނުޖެހުމާ ގުޅިގެން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއަދު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއާއި ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕް އިން ވެސް ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ އަލުން ވޯޓު ގުނަން ނިންމީ، އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން އެދިގެން ނޫން ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ފައިދާއެއް ހޯދައިދޭން ވެސް ނޫން ކަމަށެވެ.

ވޯޓު އަލުން ގުނަން ނިންމީ، ނަތީޖާ ޝީޓްގައި ބައެއް އަދަދުތައް ދިމާ ނުވާތީ، އެ ކަންކަން ކަށަވަރު ކުރުމަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އެފަދަ ބައެއް ޝަކުވާތަށް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ފަރާތުން ލިބެމުންދާތީ އީސީއިން އަމިއްލައަށް އިސް ނަގައިގެން ކަމަށެވެ.

ނަމަވެސް އަލުން ވޯޓު ގުނަން ފެށީ، ސަރުކާރުން ތަމްސީލު ކުރައްވާ އެމްޑީޕީއިން އަންގައިގެން ކަމަށްބުނެ، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުން ބާ ޖަމާލުއްދީނަށް އައިސް ނުރުހުން ފާޅުކުރަމުން ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން އެތަނަށް ވަޑައިގަތް އެމްޑީޕީގެ ލީޑާޝިޕުން ވެސް ދެއްކި ވާހަކަތަކުގެ ހާގިގަތެއް ނެތްކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

"ހަމަނުޖެހުންތަކެއް ހިނގި ފަހުން، ދެ ފަރާތުން ވެސް، ވާދަވެރި ސިޔާސީ ފަރާތްތަކުން، ވާހަކަ ދައްކާފައި ވަނީ އެ ފަރާތެއްގެ މަސްލަހަތު އިސްވާނެ ގޮތަކަށް، ހަގީގަތެއް އެއް ގޮތަކަށް ނޫން، މިއިން އެއްވެސް ފަރާތަކުން ވާހަކަ ދައްކާފަ ވަނީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ދާން ފުރުސަތު ދޭން" ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިއްބައި، އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދު އިތުރަށް ހޫނުވިއެވެ. އަދި އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް އެމަނިކުފާނަށް ފާޑު ވެސް ކިއެވެ.

ނަޝީދު ވަނީ އެމަނިކުފާނު ބާ ޖަމާލުއްދީންއަށް ދިޔަ ދިޔުން ދިފާއުކުރައްވާ ވާހަކަފުޅު ދައްކައިފަ އެވެ.