ބ. ދޮންފަނު ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރަން އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ރައީސް މުއިއްޒަށް ގޮވާލައްވައިފި އެވެ.

އެ ޖަލްސާގައި އިރުޝާދު ވާހަކަދެއްކެވި އިރު ރައީސް މުއިއްޒު އޭނާގެ ކުރިފުޅުމަތީގައި އަޑުއައްސަވަން އިންނެވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން އިރުޝާދު ވިދާޅުވީ ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރަން އާދޭހާއެކު އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުންމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އެ ގެނެސްފައިވާ ބައެއް އިސްލާޙުތަކާ މެދު ނުހަނު ކަންބޮޑުވޭ. ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގުނުކުރުމަށް ރައިސުލްޖުމްޙޫރިއްޔާގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑު އެދެން،" އިރުޝާދު ވިދާޅުވިއެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދިފާއުގައި ޕީއެންސީގެ ބައެއް މެންބަރުން މީގެކުރިން ވާހަކަދައްކާފައިވެ އެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުން ބޭކާރު ހަރަދުކޮށް، ކުރަންޖެހޭ މުހިންމު ހަރަދުތައް ނުކޮށް ފައިސާ ބަހައްޓާ ކަމަށް ވިދާޅުވެފަ އެވެ.